އައްޑޫ ސިޓީގައި ހުރި ނޭޗާ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން ސައިޓަށް މޮބިލައިޒްވެ، ބޭނުންވާ ސާމާނާއި މުވައްޒަފުން އެ ސަރަހައްދަށް ގެންގޮސްފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް ފާހަގަކޮށް ސައިޓް ޑީމާކޭޝަންގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، މަޝްރޫއާ ގުޅޭ މައުލޫމާތު އާންމުންނަށް އެނގޭނޭހެން ބޯޑުތައް ވެސް އެ ސަރަހައްދުތަކުގައި މިހާރު ވަނީ ހަރުކޮށްފައެވެ. މި މަސައްކަތަކީ އައްޑޫގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އާއި އޮސްޓްރޭލިއަން އެއިޑްގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. ރާއްޖޭގައި މި މަޝްރޫއު ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ނޭޗާ ޕާކުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، އެ ސިޓީގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު، މިއީ އައްޑޫގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.