މާލީ ހިސާބުތައް ހާމަނުކުރުމުން އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މިހާރު
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މިހާރު

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހަޅާފައި ނުވާތީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެމްޓީސީސީ ޖޫރިމަނާކުރީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ ތާރީޚަށް ހުށަހަޅާފައި ނުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމްޓީސީސީން މިހާތަނަށް އާންމުކުރަން ޖެހޭ ތިން ރިޕޯޓެއް ނުނެރެ އެބައޮތެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި، 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބުގެ އިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ހިމެނެއެވެ. މި ރިޕޯޓުތައް ހާމަކުރުމަށް އެމްޓީސީސީން އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާކަން ވެސް އެނގިފައިވެއެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބަކީ އެންމެ ލަސްވެގެން ވެސް މިދިޔަ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އާންމުކުރަން ޖެހޭ ރިޕޯޓެކެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ރިޕޯޓު ހާމަނުކުރެވި، ތިންވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެމްޓީސީސީއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމުން، ކުންފުނީގެ މާލީ ހާލަތު ދެނެގަތުމަށް ހިއްސާދާރުންނަށް މި މައުލޫމާތުތައް މުހިންމުވެއެވެ. ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ މި ކުންފުނީގެ މާލީ ހިސާބުތައް ލަސްވަމުންދާތީ، ކުންފުނީގެ މާލީ ހާލަތާ މެދު އިގްތިޞާދީ މާހިރުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ