ވޯލްޑް ޓްރެވަލް އެވޯޑްސް 2026 އަށް ވެލާނާ އެއާޕޯޓާއި މާމަހި ލައުންޖް ނޮމިނޭޓްވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު އިޢުލާނުކޮށްފިއެވެ.

މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތްތައް ބަލައިގަންނަކަން ހާމަވާ ކަމެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ މަޤާމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން 12 ފަހަރު މި ޝަރަފުވެރި ލަޤަބު ވީ.އައި.އޭ އިން ވަނީ ކާމިޔާބުކޮށްފައެވެ. މިފަހަރުގެ ނޮމިނޭޝަނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި ވީ.އައި.އޭ އިން ދަމަހައްޓަމުންދާ މަޤާމާއި، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމް.އޭ.ސީ.އެލް އިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން، އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މާމަހި އެގްޒެކެޓިވް ލައުންޖް ވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026" ގެ މަޤާމަށް ނޮމިނޭޓްވެފައެވެ. މިއީ އެ ލައުންޖުން ފޯރުކޮށްދޭ ޕްރީމިއަމް ޚިދުމަތްތަކަށް ލިބުނު ބޮޑު ބަލައިގަތުމެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މާމަހި ލައުންޖް. ފޮޓޯ: އެމްއޭސީއެލް

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަށް ވޯޓު ދިނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ނޮމިނޭޝަންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ ފުރިހަމަކުރުމަށާއި، ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވީ.އައި.އޭ ގެ މަޤާމު ވަރުގަދަކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ނަތީޖާއެވެ.

ވޯޓު ދެއްވުމަށް:

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026

https://www.worldtravelawards.com/vote-for-velana-international-airport-maldives-2026

މާމަހި އެގްޒެކެޓިވް ލައުންޖް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026

https://www.worldtravelawards.com/vote-for-maamahi-executive-lounge-maldives-2026

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ