މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ދިރާސާތަކުގެ މުހިންމުކަން ބޮޑުވެއްޖެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވެއްޖެ

ވަޒީރު ޝިޔާމް މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މިނިސްޓްރީ
ވަޒީރު ޝިޔާމް މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަންކަން ދެނެގަތުމަށް ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް" ގެ ހަވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސިމްޕޯސިއަމްއަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ކަނޑުތަކާ ބެހޭ ދިރާސާތައް އިތުރުކޮށް، ފަރުތަކުގެ ދިރުން ދެމެހެއްޓުމަށްޓަކައި ސައިންޓިފިކް ހައްލުތައް ހޯދަންޖެހޭ ކަމަށެވެ. އަދި ދިރާސާތަކާއި އިލްމަށް އިންވެސްޓްކޮށްގެން މެނުވީ، ކަނޑުގެ މާހައުލު ރައްކާތެރިކޮށް އަންނާން އޮތް ޖީލުތަކަށް އަމާން މުސްތަގުބަލެއް ބިނާނުކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފުޅާ ފަރުތަކާއި ކަނޑުތަކަކީ ހަމައެކަނި އިގްތިސާދީ ވަސީލަތެއް ނޫން ކަމަށާއި، އެއީ ތިމާވެށީގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ފުދުންތެރިކަމާ ލާމެހިފައިވާ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދާއިރާއިން ހޯދޭ ކޮންމެ އާ އިލްމަކީ ކަނޑުފަޅުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ލިބޭ ބާރެއް ކަމަށާއި، މީގެ މަންފާ މިހާރުގެ ޖީލުތަކުގެ އިތުރުން އަންނަން އޮތް ޖީލުތަކަށްވެސް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން، މި ސިމްޕޯޒިއަމްގެ ތެރެއިން ބަދަލުކުރެވޭ މައުލޫމާތުތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މާހިރުންނާ ގުޅިގެން ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ގާބިލުކަން އިތުރުކޮށް، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ