ޙައްޖު ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް، ކަންކަން ދަނީ ރޭވިގެން ރަނގަޅަށް: ޝަހީމް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝަހީމް. ފޮޓޯ: މަޖިލިސް
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝަހީމް. ފޮޓޯ: މަޖިލިސް

ޙައްޖަށް ދިއުމަށް އެދި ކިޔޫގައި ތިބޭ މީހުންގެ އަދަދު އިތުރުވެ، ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް ކަމަށާއި، މިހާރު އެ ކަންކަން ކުރިއަށް ދަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދީނަށް މީހުން އޮންނަ ލޯބި ބޮޑުވެ، ފުދުންތެރިކަން އިތުރުވާ ވަރަކަށް ޙައްޖަށް ދާން ބޭނުންވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ ކަމެއް ނޫން ކަމަށާއި، މިޞްރާއި ޕާކިސްތާނު ފަދަ ބޮޑެތި އިސްލާމީ ގައުމުތަކުގައި ވެސް މިލިއަނުން މީހުން ކިޔޫގައި ތިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ ކުރިން އަމިއްލަ ކުންފުނިތަކުން ބޮޑު އަގުގައި ކޯޓާ ވިއްކަމުން ދިޔަ ނިޒާމު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މިހާރު ޙައްޖުގެ ކަންކަން އިންތިޒާމު ކުރެވެނީ ޙައްޖު ކޯޕަރޭޝަންގެ ދަށުން ކަމަށާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ވެސް ޙައްޖަށް ދިއުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ސަރުކާރުން ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުސަތު ދޭން ފަށާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް މިހާރު ލިބެނީ އަހަރަކު 1,000 ކޯޓާއެވެ. ޙައްޖު ކޯޕަރޭޝަނުން ލަފާކުރާ ގޮތުގައި މިހާރު ފައިސާ ދައްކާ މީހުންނަށް ޙައްޖަށް ދެވޭނީ ގާތްގަނޑަކަށް 14 އަހަރު ފަހުން، 2040 ވަނަ އަހަރުގައެވެ. މިނިސްޓަރު ވިދާޅުވީ ސަޢޫދީ ސަރުކާރުން އެހެން ގައުމުތަކަށް ކޯޓާ އިތުރުކޮށްދޭ ނަމަ، ރާއްޖެއަށް ވެސް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ