އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމުގެ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިޚާބު ފަސްކުރުމާ ގުޅޭގޮތުން އެލްޖީއޭއިން ވަނީ ބަޔާނެއް ނެރެފައި
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު ހޮވުމަށް ބާއްވަން އޮތް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މި އިންތިޚާބު ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، އިންތިޚާބާ ގުޅިގެން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުން ވޯޓުލުން ފަސްކުރަން ނިންމާފައިވާކަން އެލްޖީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، އެއީ ކޮން މަސައްކަތްތަކެއް ކަމުގެ ތަފުސީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވާލުމުން، ރަށު ކައުންސިލަރުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި، ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރެވެ. މީގެ ތެރެއިން އަލީ އަހުމަދަކީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. އަލީ ސާފިރަކީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ ލ. ގަމު ކޮމިޓީގެ ރައީސް މަރިޔަމް ނީނާ އާއި ށ. ފުނަދޫ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާއެވެ. ނީނާ އަކީ އެމްޑީޕީގެ މެންބަރަކަށް ވާއިރު، ޒީނާ އަކީ ޕީއެންސީގެ މެންބަރެކެވެ. މި އިންތިޚާބަކީ ކައުންސިލްތަކުގެ ހިންގުމުގައި ކައުންސިލަރުންގެ ބައިވެރިވުން އެލްޖީއޭގެ ނިންމުންތަކުގައި ހިމެނުމަށް މުހިންމު އިންތިޚާބެކެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތައް ސުޕަވައިޒްކޮށް، ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މުއައްސަސާއެވެ. ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އެ އޮތޯރިޓީއަށް އޮވެއެވެ. އިންތިޚާބު ދެން ބާއްވާނެ ތާރީޚެއް އެލްޖީއޭއިން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ