މާލޭގެ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުފަހަރު ކައިރިކުރުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހަނދާންކޮށްދީފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގެ އެއްގަމު ތޮށްޓަކީ ހަމައެކަނި މިނިސްޓްރީ އޮފް ޑިފެންސްގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އެ ސަރަހައްދަށް ޑިފެންސް މިނިސްޓްރީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ސަރަހައްދަކީ މީގެ ކުރިން ވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ޑިންގީތައް އެޅުމަށް ބޭނުންކުރަމުން އައި ސަރަހައްދެކެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު ބަންދުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި އަލުން ހުޅުވާލުމާ ގުޅިގެން އާންމު ބައެއް އުޅަނދުތައް އެ ތޮށްޓަށް ކައިރިކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ބޮޑުތަކުރުފާނު މަގުގެ އެ ސެގްމެންޓް ތަރައްގީކޮށްފައިވަނީ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މިދިޔަ މާޗު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ނިންމައި، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޑިފެންސް މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.