ޤަޠަރަށް ކަނޑައެޅުއްވި އާ ސަފީރު އާދަމް ޝަރީފް، އެމަނިކުފާނުގެ ފަތްކޮޅު އަމީރަށް އަރުވައިފި

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފް އުމަރު، ޤަޠަރުގެ އަމީރާއެކު
ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފް އުމަރު، ޤަޠަރުގެ އަމީރާއެކު. ފޮޓޯ؛ ފޮރުން މިނިސްޓްރީ

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި އާ ސަފީރު، އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް މިއަދު އަރުވައިފިއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލުސައިލް ޕެލެސްގައި ބޭއްވި މި ރަސްމިއްޔާތަށްފަހު، ސަފީރު އާދަމް ޝަރީފް ވަނީ އަމީރާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޤަޠަރުން ދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ރާއްޖެއިން ބޭނުންވާކަން ސަފީރު ފާހަގަކުރެއްވިއެވެ. ޤަޠަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބިވަޑައިގަންނަވާ ބޮޑު ޝަރަފެއްގެ ގޮތުގައި ސަފީރު ވަނީ ސިފަކުރައްވާފައެވެ.

ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ ވަނީ ސަފީރު އާދަމް ޝަރީފަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ވާޞިލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަފީރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤަޠަރު ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް އަމީރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙުސީން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ