މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ ބިން ނެގުމުގެ ބާރު ސަރުކާރަށް ދޭން ހުށަހަޅައިފި

ހަންކެޑެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ
ހަންކެޑެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: މިހާރު

ސަރުކާރުން ހިންގަން ބޭނުންވާ އެކި މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާއި ތަންތަން، ކައުންސިލްތަކުގެ އިހްތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވީ ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ބިމެއް ނުވަތަ ސަރަހައްދެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވާނެއެވެ. އަދި އެއާއެކު އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބިން ހޯދަން އެދޭ ހާލަތްތަކުގައި، އެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް އެލްޖީއޭއާ ހަވާލުކުރުން ކައުންސިލްތަކަށް މި އިސްލާހުގެ ދަށުން ލާޒިމްވެއެވެ. ހަމައެހެންމެ، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ އަމަލުތައް ކުރުމާއި، މަޝްރޫއުތައް ހުއްޓޭ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް މީގެ ކުރިންވެސް ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ކައުންސިލްގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހްތިސާސްގައި ހުރި ބިމާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ފަދަ ކަންކަން ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތަށް މިދިޔަ އަހަރު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބައެއް ކައުންސިލްތަކުން ބިން ނުދީ ހުރަސްއަޅާ ކަމުގެ ޝަކުވާ ސަރުކާރުގެ އިސްވެރިން މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ކުރައްވާފައެވެ. މި އިސްލާހަކީ އެފަދަ ހުރަސްތައް ނައްތާލުމަށް ހުށަހެޅި އިސްލާހެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ