އެމްއެފްޑީއޭގައި 8،000 އަށްވުރެ ގިނަ ފުޑް ސަޕްލިމެންޓް ލިސްޓުކޮށްފި

ބޭސް ފިހަރަޔަކުން މީހަކު ވިޔަފާރި ކުރަނީ: ފޮޓޯ: މާޒި ފާމަސީ
ބޭސް ފިހަރަޔަކުން މީހަކު ވިޔަފާރި ކުރަނީ: ފޮޓޯ: މާޒި ފާމަސީ

ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ފުޑް ސަޕްލިމެންޓްތައް ރެގިއުލޭޓްކޮށް، ހުއްދަ ނެތް ތަކެތި ބާޒާރަށް ނެރުން ހުއްޓުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 8،000 އަށްވުރެ ގިނަ އުފެއްދުން އެ އޮތޯރިޓީގައި ލިސްޓުކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރު އާމިނަތު ޝަބާނާ އަލީ ވިދާޅުވީ، ރާއްޖޭގެ ގަވާއިދުތަކާ ހިލާފަށް ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ފުޑް ސަޕްލިމެންޓްތައް އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތައާރަފުނުކުރާ ބައެއް އުފެއްދުންތައް ފިހާރަތަކުން ލިބެން ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަބާނާ ވިދާޅުވި ގޮތުގައި، އެއްވެސް ބާވަތެއްގެ ފުޑް ސަޕްލިމެންޓެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ އިޝްތިހާރު ކުރުމުގެ ކުރިން އެމްއެފްޑީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. މި އުފެއްދުންތައް ރެގިއުލޭޓް ކުރަނީ ރަޖިސްޓްރީ ކުރުމާއި ލިސްޓު ކުރުމުގެ ނިޒާމެއްގެ ތެރެއިންނެވެ. މީގެ ސަބަބުން އެ ތަކެއްޗަކީ ގައުމީ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބާޒާރުގައި ލިބެން ހުންނަ ކޮންމެ ސަޕްލިމެންޓަކީ ބޭނުންކުރުން ކޮންމެހެން މުހިންމު އެއްޗެއް ކަމަށް ނުބެލުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ސަޕްލިމެންޓްތައް ބޭނުންކުރުމުގެ ކުރިން އޭގައި ހިމެނޭ މާއްދާތަކާއި، ދީފައިވާ އިންޒާރުތައް ރަނގަޅަށް ކިޔައި ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

މިދިޔަ ޖޫން މަހު ގެޒެޓްކުރި ކާބޯތަކެތި ލޭބަލްކުރުމުގެ އާ ގަވާއިދަށްވެސް ޝަބާނާ ވަނީ އަލިއަޅުވާލައްވާފައެވެ. މި ގަވާއިދުގެ ދަށުން އުފައްދާ ފަރާތްތަކާއި އިމްޕޯޓްކުރާ ފަރާތްތަކުން އުފެއްދުމުގައި ހިމެނޭ މާއްދާތައް ސާފުކޮށް ބަޔާންކުރަން ޖެހެއެވެ. މި ގަވާއިދަށް އަމަލުކުރުމަށް ވިޔަފާރިތަކަށް ހަ މަސް ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ މުހުލަތު ހަމަވުމުން ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ