ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މަކަރާއި ހީލަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ (ގާތްގަނޑަކަށް 46.41 އިންސައްތަ) ވަނީ އަނބުރާ ހޯދައިދީފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތައަކީ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އެއީ ޖުމްލަ 78 މައްސަލައެވެ. މީގެ އިތުރުން ބުކިންގް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ 36 ސްކޭމަކާއި، ބޭރު ފައިސާ މާރުކުރުމުގެ 20 މައްސަލައެއްގެ އިތުރުން އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދި 20 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް މުދާ ގަންނައިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިހުތިޔާރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ އަދަދަކަށް ފޮލޮވަރުން ތިބުމަކީ އެއީ އިތުބާރު ހުރި ތަނެއްކަމަށް ބަލައިގެން ނުވާނެ ކަމަށާއި، އާދަޔާ ހިލާފަށް އަގުހެޔޮކޮށް މުދާ ވިއްކާ ފަރާތްތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އާންމުކޮށް މަސައްކަތްކުރަނީ ކަންބޮޑުވުން އުފައްދައިގެން ވަރަށް އަވަހަށް ފައިސާ ހޯދުމަށެވެ. އެހެންކަމުން އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި އެހެން ކަސްޓަމަރުންގެ ފީޑްބެކް ބެލުމަކީ މުހިންމު ކަމެކެވެ.