ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި 70 މެގަވޮޓުގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގެ އާބާދީއަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓުގެ ޚިދުމަތަށް އަވަސް އަޕްގްރޭޑްތަކެއް ބޭނުންވެއެވެ. މިގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މި އިންޖީނުގެއަކީ މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ތަނެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި އައު އިންޖީނުގެ އެޅުމުގެ މައިގަނޑު މަގްސަދަކީ 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް ނިންމައި އާންމުންނާ ހަވާލުކުރުމެވެ. އެހެންކަމުން، އެ ދުވަސްވަރު އެ ސަރަހައްދުގެ އާބާދީ ބޮޑުތަނުން އިތުރުވެގެންދާނެތީ، ކަރަންޓުގެ ޑިމާންޑަށް ދުރާލައި ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އަޒުވަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެވަނަ ފިޔަވަހީގައި މިހާރުވެސް 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިހާރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރަމުންދަނީ 50 މެގަވޮޓުގެ އިންޖީނުގެއެކެވެ. މި އައު މަޝްރޫއުތަކާއެކު މުޅި މާލޭ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.