އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބުގެ މަގާމަށް، މިހާރު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ތޯރިގް އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމަށް ތޯރިގް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ. ތޯރިގް އިބްރާހީމް މި މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މި ހުށަހެޅުން ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި، ތަޅުމަށް ރިޕޯޓު ހުށަހަޅާފައެވެ.
ތޯރިގް އިބްރާހީމަކީ މީގެ ކުރިން ތިމާވެއްޓާ ބެހޭ ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. މީގެ ކުރިން އައިރީނާގެ މަންދޫބަކަށް ހުންނެވީ އޭރު ޔޫއޭއީގެ ސަފީރުގެ މަގާމުގައި ހުންނެވި، އަދި މިހާރު ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފެވެ.
އައިރީނާއަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެއަކީ މި ޖަމިއްޔާ އުފެދުނުއިރުވެސް އޭގެ މެންބަރެއްގެ ގޮތުގައި ހިމެނުނު ގައުމެކެވެ. މި އައްޔަންކުރުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.