ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، އީޖާދީ ވިސްނުންތަކުގެ އެހީގައި ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އއ. އުކުޅަހުގައި ބޭއްވި "ސިޑްސް-އެސް.އޭ.އައި" ސިމްޕޯޒިއަމް ނިންމުމާއި، "އައި.ޑީ.އައި" ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ މާލީ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި، ދެފުށްފެންނަ އުސޫލުތަކުގެ ސަބަބުން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތަށް ލިބޭ ކޮންމެ ފައިސާއަކީ ކަނޑައެޅިފައިވާ މަޤްޞަދުގައި ހޭދަކުރެވޭ ފައިސާއެއްކަން ކަށަވަރުކުރުމުގައި އޮޑިޓް މުއައްސަސާތަކުގެ ދައުރު މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ ޚާއްޞަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިނަ ޤައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަޤުބަލަށް އިންވެސްޓްކުރާ ޤައުމުތަކެއް ކަމަށެވެ. ބައިނަލްއަޤުވާމީ ފިއްތުންތަކާއެކުވެސް، ރާއްޖެއިން އަދާކުރަންޖެހޭ މާލީ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ޤައުމީ ތަރައްޤީގެ އިންޖީނު ކަމުގައިވެސް ވިދާޅުވިއެވެ.
ޖޯގުރަފީ ގޮންޖެހުންތަކަށް އޮތް ޙައްލަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަންކަން ފާހަގަކުރައްވައި، "މޯލްޑިވްސް 2.0" ގެ ދަށުން ޒަމާނީ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 އިން 2029 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވާފައެވެ.
އއ. އުކުޅަހުގައި ބޭއްވި މި ސިމްޕޯޒިއަމްގައި ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.