ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓްތަކަށް ފައިދާ ޑޮލަރުން ދޭން ނިންމައިފި

362a3566-43f9-4d7a-8b61-27ac9f4265ce

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑޮލަރު އިންވެސްޓްމަންޓް ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް، އިންވެސްޓްކުރާ އަދަދާއި އޭގެ ފައިދާ ވެސް ޑޮލަރުން ލިބޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަކީ އިންވެސްޓްކުރާ ޑޮލަރު ވަގުތުން ދިވެހި ރުފިޔާއަށް ބަދަލުކުރުމަށްފަހު، އޭގެ ފައިދާ ވެސް ޖެހިގެން އަންނަ ދުވަހު ރުފިޔާ އެކައުންޓަށް ޖަމާކުރުމެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު އިންވެސްޓްމަންޓް މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދާއި ލިބޭ ފައިދާ ވެސް ލިބޭނީ ޑޮލަރުންނެވެ. ބޭންކުން ބުނި ގޮތުގައި، އިންވެސްޓްމަންޓް މުއްދަތު ހަމަވުމުން އަސްލު އިންވެސްޓްކުރި އަދަދު ރަސްމީ ރޭޓުން ދިވެހި ރުފިޔާއަށް ބަދަލުކުރަން ޖެހޭނެއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބީއެމްއެލް އިން ތައާރަފުކުރި މި އިންވެސްޓްމަންޓް ޕްރޮޑަކްޓަކީ ކަސްޓަމަރުންގެ އަތުގައި ހުރި ޑޮލަރު އެކި ޕޫލްތަކުގައި އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ވަސީލަތެކެވެ. މި ސްކީމްގެ ދަށުން އިންވެސްޓްކުރާ ފަރާތްތަކަށް 25 އިންސައްތައާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު އޮވެއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި އިންވެސްޓްމަންޓްތަކަށް ފައިދާ ދެނީ ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކުރާ މުއާމަލާތްތަކުން ނަގާ 30 އިންސައްތައިގެ ފީންނެވެ. މީގެ ތެރެއިން ފަސް އިންސައްތައަކީ ބޭންކުގެ ހިންގުމުގެ ހަރަދަށް ކަނޑައަޅާފައިވާ މިންވަރެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ މިންވަރު ވަނީ 3.7 ގުނަ އިތުރުވެފައެވެ. މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު މިފަދަ މުއާމަލާތްތަކަށް ބޭންކުން ދޫކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ