އުކުޅަހުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް ކައުންސިލާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ކައުންސިލާ އަދި އ.ތ.މ.ކޮމިޓީއަށް ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ކައުންސިލާ އަދި އ.ތ.މ.ކޮމިޓީއަށް ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެގޮތުން ރަށުގައި އިތުރު ހައުސިންގ ޔުނިޓްތަކެއް ބިނާކުރުމަށާއި، މިހާރު ހިއްކާފައިވާ ސަރަހައްދާ ގުޅުވައިގެން އިތުރު ބިމެއް ހިއްކުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަލަށް ހިއްކާފައިވާ ސަރަހައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މަގުތައް ހެދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

ރަށުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިން ހޯދުމުގައި ހުރި ދަތިތަކާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި މަސްވެރިންނަށާއި އާންމުންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކައުންސިލުން ރައީސްގެ އަރިހުން އެދިވަޑައިގަތެވެ.

ކައުންސިލުން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގައި މިހާރު ކުރިއަށްދާ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގައި ތަރައްޤީކުރި ވޮލީ ކޯޓު ހުޅުއްވައިދެއްވުމުގެ އިތުރުން، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ