އުފެއްދުންތެރިކަމުގެ މައުރަޒުގައި ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތު ބީސީސީން ހުޅުވާލައިފި

2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް
2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބައިވެރިވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.

ބީސީސީން ބުނި ގޮތުގައި، މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ އުސޫލަށް މި ބަދަލު ގެނައީ ވީހާވެސް ގިނަ ފަރާތްތަކަކަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. މި އިސްލާހުގެ ދަށުން، އަމިއްލަ ފަރުދުންގެ ދާއިރާއިން ބައިވެރިވާ ފަރާތްތަކަށް، އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ ގުޅިގެން އުފެއްދުންތައް ހުށަހެޅޭނެއެވެ. މިއީ ރަށްރަށުގައި ތިބި ހުނަރުވެރި މަސައްކަތްތެރިންނާއި އައު އީޖާދުތައް ކުރާ ފަރާތްތަކަށް ކައުންސިލްތަކުގެ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ނިންމި ނިންމުމެކެވެ.

ކައުންސިލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން، ކައުންސިލްތަކާ ގުޅިގެން ބައިވެރިކުރާ އުފެއްދުންތަކަށް ލިބޭ މާކްސްއަށް ބަލައި، އެންމެ މޮޅު ތިން ކައުންސިލް ހޮވުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ރަށްރަށުގެ އުފެއްދުންތެރިން ދެނެގަނެ، އެފަރާތްތަކަށް ހިތްވަރު ދިނުމަށް ކައުންސިލްތަކަށް ބާރު ލިބިގެންދާނެ ކަމަށް ބީސީސީން ފާހަގަކުރެއެވެ.

އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތައް ބައިވެރިކުރެވޭނެއެވެ. މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާއިރު، ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މި އޯގަސްޓު މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ