ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށްގޮސް، އެ އުޅަނދު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، "ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރުއެވެ. އަށް މީހުންނާއެކު ދަތުރުކުރި މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދަލާއެކުގައެވެ.
މި ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިފައިވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބޮޑެތި ރާޅުތަކާއެކު ދޯންޏަށް ލޮނުވަދެ ދިޔަވުމުގެ ސަބަބުންނެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ހުއްޓުމެއްނެތި މިހާރު ދަނީ ކުރަމުންނެވެ.