ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިވަގުތު އޮތް ގޮތުން މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ޚާއްޞަކޮށް ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކުގެ ސަބަބުން ދަތިތަކެއް ހުރި ނަމަވެސް، އެ ދަރަނިތައް ދައްކަމުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ އަމާޒަކީ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ މުހިންމު މަޝްރޫޢުތައް މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމަވައިދެއްވުމެވެ. "އެންމެ މުހިންމު މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހަމަ މި ދައުރުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން،" ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދުގައި 4,000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އުކުޅަސް ހިމެނޭހެން ރާއްޖޭގެ 15 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރު ފެށިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކްލީފަށް ނިމުމެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ ކުރީގެ ސަރުކާރުން ފަށާފައިވާ ނަމަވެސް އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފައްޓަވައިގެން ކުރިއަށް ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ. މި ޖަލްސާގައި ރައީސް ވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވާނެ ކަމުގެ އިތުބާރު އަލުން އާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.