ރައީސް މުޢިއްޒުގެ ހަރުދަނާ ލީޑާޝިޕަށް އަބްދުއްރަހީމްގެ ތަޢުރީފު

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑާޝިޕަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން އުފައްދާފައިވާ ބޮޑު ދަރަނީގެ ސަބަބުން ރާއްޖެ ބަނގުރޫޓްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދުކޮށްގެން ތިއްބެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު އިނދަޖެހޭނެ ކަމަށް ބުނެ ހިސާބުތައް ޖަހަމުންދިޔަ ނަމަވެސް، ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އެކަން ބަދަލުކޮށްލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ދަރަނި ދައްކަމުންވެސް ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާތީ އެކަމަށްޓަކައި ރައީސަށް ސެލިއުޓް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި ގޮންޖެހުންތަކުގެ ތެރޭގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެޔޮ މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މިއީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭންޖެހޭ މުހިންމު ސަބަބުތަކެއް ކަމަށް ވިދާޅުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީގެ މެންބަރުންނަށް އޭނާ ގޮވައިލެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" ސިޔާސަތުގެ ބަދަލުގައި "ދިވެހީންގެ ރާއްޖެ" އަށް ޤައުމު އަނބުރާލެއްވީ ރައީސް މުޢިއްޒު ކަމަށެވެ. އަދި ކަންކަމުގައި ގޮތް ނިންމުމުގައި ބުއްދީގެ ބޭނުންކުރުމަށް ހުރިހާ ރައްޔިތުންނަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ