އެމްޑީޕީއަކީ ކުނިގޮނޑެއްވެސް ސާފުކޮށްނުދެވުނު ބައެއް: މިނިސްޓަރު ޝިޔާމް

މިނިސްޓަރު ޝިޔާމް ޖަލްސާގައި ވާހަކަދައްކަވަނީ
މިނިސްޓަރު ޝިޔާމް ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ދިމާވެފައިވާ ކުނިގޮނޑުގެ އުނދަގުލުންވެސް ސަލާމަތްކޮށްނުދެވުނު ބައެއް ކަމަށާއި، އެވަރުގެ ކަމެއް ނުކުރެވުނު ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މާލޭގެ އިމާދުއްދީން ސްކޫލް ފުރަގަހުގައި އޮތް ކުނިގޮނޑު ފުރި، މުޅި މާލެއަށް އޭގެ ނުބައި އަސަރު ކުރިއިރުވެސް އެމްޑީޕީގެ ސަރުކާރަށް އެކަން ހައްލު ނުކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއަދު ހުޅުމާލެ ގޮނޑުވެއްޖެ ކަމަށް ބުނެ އެމްޑީޕީން ވާހަކަދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، ނަމަވެސް ރައްޔިތުންނަކީ އެފަދަ ކަންކަން އޮޅޭނެހާ "ގަމާރު" ބައެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިޤްތިސާދީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު މިއަދު އޮތް ގޮތަށް ދިޔައީ އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ބެލުމެއް ނެތި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ކަމަށެވެ. އެ ފައިސާ ޗާޕުކުރިއިރު ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކަމަށް ހުއްދަ ދެއްވި ކަމަށާއި، އޭރުވެސް އޭގެ ނުރައްކަލާ ބެހޭގޮތުން އަޑުއުފުލީ ޕީއެންސީގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ބިނާކުރުމުގެ ފިކުރަށް" ތާއީދުކުރުމަށް ގޮވާލައްވަމުން ޝިޔާމް ވިދާޅުވީ، މި ދައުރު ނިމޭއިރު ރާއްޖޭގައި ރެކޯޑް މިންވަރަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ