ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އއ. އުކުޅަހުގެ ރައްޔިތުން ދިން ތާއީދަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދެއްކި ނަމޫނާއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާހިމް ރާފިޢު ވިދާޅުވެއްޖެއެވެ.
އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިޢު ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި، ހަމަޖެހުމާއި އަދި ރައްކާތެރިކަން ކަމަށެވެ. އަދި މިދިޔަ ކައުންސިލް އިންތިޚާބުގައި އުކުޅަހުން ސަރުކާރު ހިންގާ ޕާޓީއަށް ދިން ބޮޑު ތާއީދަކީ އެކަންކަން ހާސިލުކުރުމަށް ރައްޔިތުން ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އުކުޅަހުން ފެނިގެންދިޔަ މި ނަމޫނާ މުޅި ރާއްޖެއިން ފެނިގެންދާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ މި މަގުން ކަމަށެވެ.
މި ޖަލްސާގައި އޭނާ ވަނީ އުކުޅަހުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން، އުކުޅަހުގައި އަޅާ ފުރަތަމަ އައިސްޕްލާންޓާއި، ހައުސިން މަޝްރޫޢުގެ އިތުރުން، އަލަށް ބިންގާ އެޅުނު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުން ތިން އަހަރު ދުވަސްވީއިރުވެސް ނުނިމި އޮތް ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިންމާލެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އުކުޅަހުގައި އަލަށް ހުޅުވުނު ވޮލީ ކޯޓަކީ އެ ރަށުގެ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް މިނިސްޓަރު ރާފިޢު ވިދާޅުވިއެވެ.