ރާއްޖެއަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުން ސާބިތުކަމާއެކު ތިއްބެވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ އިދިކޮޅު އެމްޑީޕީން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޭރުގެ ސަރުކާރުން ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކޮށް ތިން މަސް ދުވަސް ވަންދެން ހިފެހެއްޓި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިކަން މިގޮތަށް ކުރީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ފޮރުވުމަށް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސް އަޒުލުކުރުމަށް އެމްޑީޕީން ކުރި މަސައްކަތަކީވެސް އެ ބޭފުޅުންގެ ކުށްތައް ފޮރުވުމަށް ކުރި ކަމެއްގެ ގޮތުގައި ޝުޖާއު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ހަމައެކަނި މަޤްސަދަކީ ވެރިކަން ހޯދުން ކަމަށާއި، އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ލިބޭނެ ހެޔޮ އެދުމެއް ނޯންނާނެ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން އުފެއްދާފައިވާ ގިނަ މައްސަލަތަކެއް މިހާރުގެ ސަރުކާރުން ހައްލުކުރަމުންދާ ކަމަށެވެ. އެހެންކަމުން، މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދީ، ރައީސް މުޢިއްޒާއެކު ގަދަކޮށް ތިއްބެވުމަށް އޭނާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. ރާއްޖޭގެ މުސްތަޤްބަލު އުޖާލާ ކަމަށާއި، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އުންމީދީ މެސެޖެއް ދެއްވާފައެވެ.