ލ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ދޯނި އަޑިއަށްގޮސް، އެ ދޯނީގެ ކެޕްޓަނާއި ސަލާމަތްކުރުމުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކު ހިމެނޭހެން ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.
މި ތިން މީހުން ހޯދުމަށްޓަކައި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގައި ވައިގެ މަގުންނާއި ކަނޑުމަގުން ހޯދުމުގެ މަސައްކަތް ހިމެނެއެވެ.
ވައިގެ މަގުން ހޯދުމުގެ މަސައްކަތުގައި ޔޫއޭވީ (ޑްރޯން) ބޭނުންކުރަމުންދާ އިރު، މޯލްޑިވިއަންގެ ފްލައިޓެއްވެސް ދަނީ މި މަސައްކަތުގައި އެހީތެރިވަމުންނެވެ. ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހަރަކާތްތެރިވަމުންނެވެ.
"ފްރެންޑް 4" ދޯނި އަޑިއަށްދިޔައީ ބޮޑެތި ރާޅުތަކާއެކު ދޯންޏަށް ލޮނުވަދެ ދިޔަވުމުގެ ސަބަބުންނެވެ. ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވިފައިވާއިރު، ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ ބޭކަލެއް އަދި ފުލުހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
ގެއްލިފަިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.