މާލޭގެ އަމީނީ މަގު މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނި ގޮތުގައި ތާރުގަނޑު ނެގުމަށްފަހު ދެން ފަށާނީ މަގުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް ބަންދުކޮށްފައެވެ.
މި މަސައްކަތުގެ ތަރުތީބަށް ބަލާއިރު، ފުރަތަމަ ސެގްމަންޓުގައި ތާރުއަޅާ އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ދެވަނަ ސެގްމަންޓުގެ މަސައްކަތެވެ. ދެވަނަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ. މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ބައެއް ސަރަހައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމަށްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމީނީ މަގުގެ ތާރުގަނޑު މީގެ ކުރިން އަވަހަށް ހަލާކުވާން ދިމާވީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.
އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު އެންމެ ފަހުން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެ ފަހަރު 84.4 މިލިއަން ރުފިޔާ ހޭދަކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ.