މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ރަށުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ބުނެފައިވަނީ ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ނެގުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އެ ކުންފުނިން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރާނެއެވެ. މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްގެން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނގު ދެކުނުން އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައެވެ.
މި މަޝްރޫއު ނިމުމުން ޕޯޓުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވި، ވިޔަފާރިވެރިންނަށް ލުއިފަސޭހަ އިންސެންޓިވްތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މާލޭގެ އެތެރޭގެ ޓްރެފިކަށް ދަތިނުވާނެހެން ކޮންޓެއިނަރު އުފުލުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.