ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ، މަޑުމައިތިރި މީހެއް: ހުކުރު ޚުޠުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު
އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު

މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ "މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަގީގީ ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށްޓަކައި ބަދަލުހިފާ މީހެއް ނޫނެވެ. އޭގެ ބަދަލުގައި، މުސްލިމުންނަކީ އަބަދުވެސް މަޢާފުކުރުމާއި އޯގާތެރިކަން އިސްކުރާ ބަޔަކަށް ވާންޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރިގެން ދިޔައީ މުސްލިމުންގެ ކިބައިގައި ހުރި ރިވެތި އަޚުލާޤާއި، އެހެން މީހުންނާ މުޢާމަލާތު ކުރުމުގައި ގެންގުޅުނު މަޑުމައިތިރިކަމުގެ ސަބަބުންކަން ޚުޠުބާގައި ފާހަގަކުރިއެވެ. މިގޮތުން، ކީރިތި ރަސޫލާ މުޙައްމަދު ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާއި، އަވަށްޓެރީންނާއި، އަދި ދުޝްމަނުންނާ މެދުވެސް ކަންތައް ކުރެއްވީ ނުހަނު އޯގާތެރިކަމާއެކުގައެވެ. މުސްލިމުން ނަމޫނާއަކަށް ބަލަންޖެހޭނީ އެކަލޭގެފާނުގެ މާތް ސިފަފުޅުތައް ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ދީން ގަބޫލުނުކުރާ މީހުންނާއި އަނިޔާވެރިންނާ މުޚާޠަބު ކުރާއިރުވެސް މަޑުމައިތިރިކަން އިސްކުރުމަށް އިސްލާމްދީން އަމުރުކުރެއެވެ. މިސާލެއްގެ ގޮތުން، ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވިއިރުވެސް، އޭނާއާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކެވުމަށް މާތް الله ވަޙީކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެހެންކަމުން، މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތު ކުރާއިރު މާބޮޑަށްވެސް އޯގާތެރިވާންޖެހޭނެއެވެ.

ޚުޠުބާގައި އިތުރަށް ބުނީ، ހަމައެކަނި ނަމާދާއި ރޯދަ ފަދަ އަޅުކަންތަކުން ދީން ފުރިހަމަ ނުވާނެ ކަމަށެވެ. އަޅުކަންތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިންވެސް ހަރުކަށިކަމާއި، ދޫނުދިނުމާއި، މީހުންނަށް މަޢާފުނުކުރުން ފަދަ ނޭދެވޭ ސިފަތައް ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ބުންޏެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައާއި ދޭދޭ ގުޅުންތަކުގައި ނިކަމެތިންނަށް ރިޢާޔަތްކޮށް، ކިބުރުވެރިކަމުން ދުރުހެލިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ