ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް އަށް މީހުންނާއެކު ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 23:22 ހާއިރު، ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނެއްގެ ތެރޭގައެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މުދަލާއެކު ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަނާއި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ފުލުހަކާއި ސިފައިންގެ މީހަކު ވަނީ ގެއްލިފައެވެ.
ގެއްލިގެން ހޯދަމުންދަނީ ނ. މަނަދުއަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ. އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯންތަކާއި މޯލްޑިވިއަންގެ މަތިންދާބޯޓު ބޭނުންކޮށްގެން ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.
މީގެ އިތުރުން، ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި މަސައްކަތުގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ލޯންޗުތައް ދަނީ ބޭނުންކުރަމުންނެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.