ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން "ޕާޝަލް އިމަޖެންސީ އެކްސަސައިޒް" އެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ތަމްރީނުތައް ބާއްވާފައިވަނީ މި މަހުގެ 6 ވާ ބުރާސްފަތި ދުވަހުއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ހިންގި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ވައިގެ މަގުން އަންނަ ބަލިމަޑުކަމެއް ފަދަ ސިއްހީ ކުއްލި ހާލަތެއްގައި ކަމާގުޅޭ އިދާރާތަކުން އަމަލުކުރާނެ ގޮތްތައް ބަލައި، އެ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.

މި ތަމްރީނުތަކުގައި ބިއޯންޑް (BEOND) އެއާލައިނުން ބައިވެރިވެ، އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު އެއާޕޯޓުގެ އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދިމާވެދާނެ އެކި ހާލަތްތަކަށް ތައްޔާރުވުމަށް މިފަދަ ތަމްރީނުތައް ގަވާއިދުން ބާއްވަމުންދެއެވެ. އެގޮތުން، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ތަމްރީނަކީ "އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" (އެފެކްސް)އެވެ. މިހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
