ރާއްޖެއާއި ހޮންކޮންގްގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް އަލުން ފަށައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު. ފޮޓޯ: މަޖިލިސް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު. ފޮޓޯ: މަޖިލިސް

ދިވެހިރާއްޖެއާއި ހޮންކޮންގާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަލުން ފަށާފައިވާކަން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ވަޒީރު ސައީދު ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މާލީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހޮންކޮންގާއެކު ކުރިން ފަށާފައިވާ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އޮސްޓްރޭލިއާ، ސިންގަޕޫރު އަދި ޔޫއޭއީ ފަދަ ގައުމުތަކާއެކު ވެސް އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހޮންކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ޝައުގުވެރިކަން ސަރުކާރުން ފުރަތަމަ ފާޅުކުރީ 2016 ވަނަ އަހަރުގައެވެ. އެއިރުވެސް އިގުތިސާދީ ވަޒީރުގެ މަގާމުގައި ހުންނެވި ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ހާއްސަކޮށް، ރާއްޖެއިން އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ބޭރުކުރާ އެއް މަންޒިލަކީ ހޮންކޮންގް ކަމަށްވާތީ، އެ ގައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ހުށަހަޅާނެއެވެ.

ރާއްޖެއިން މިހާރު ވެސް އަންނަނީ އެކި ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އިންޑިއާއާއެކު ވެސް އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. އަދި ތުރުކީއާއެކު ގާއިމުކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ