ނިމިދިޔަ ހަފުތާގައި ކޯސްޓްގާޑުން 65 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ކޯސްޓްގާޑު ސީ އެމްބިއުލާންސް. ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓްގާޑު ސީ އެމްބިއުލާންސް. ފޮޓޯ: އެމްއެންޑީއެފް

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 65 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި އޮޕަރޭޝަންތަކަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަންތަކާއި ސީއެމްބިއުލާންސް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ. މިދިޔަ ހަފުތާގައި އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން އެކަނިވެސް 42 މެޑިކަލް އިވެކުއޭޝަން ވަނީ ފުރިހަމަކޮށްފައެވެ. މިއީ އެހެން ސްކޮޑްރަންތަކާ އަޅާބަލާއިރު ނިސްބަތުން މަތީ އަދަދެކެވެ.

މީގެ އިތުރުން، އެހެން ސްކޮޑްރަންތަކުން ކުރި މަސައްކަތްތަކަށް ބަލާއިރު، ސެކަންޑް ސްކޮޑްރަންއިން ހަތަރު އިވެކުއޭޝަން، ތާޑް ސްކޮޑްރަންއިން 11 އިވެކުއޭޝަން އަދި ފޯތު ސްކޮޑްރަންއިން ހަ އިވެކުއޭޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސީ އެމްބިއުލަންސް E9 54 އިން ވެސް ވަނީ މިދިޔަ ހަފުތާގައި ދެ މެޑިކަލް އިވެކުއޭޝަންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ހުރިހާ އޮޕަރޭޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހުންގެ ހާލަތަށް ރިއާޔަތްކޮށް، ވީހާވެސް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން، އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ މަރުކަޒުތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުން ގަވާއިދުން ކުރަމުން އަންނަ މުހިންމު ޚިދުމަތެކެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި، ދަތުރުފަތުރުގެ ދަތިކަން ހުންނަ ހާލަތްތަކުގައި، ކޯސްޓްގާޑުގެ މި ޚިދުމަތަކީ އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް އަގުހުރި މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ