މަސްވެރިކަމާއި ގުޅޭ

Zain Cover

ޒައިން: ޒުވާން އުމުރުގައި އަމިއްލަ އޮޑިއެއްގައި ކެޔޮޅަކަށް

ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 33 އަހަރުގެ ޒައިންއަކީ މަސްވެރިކަމުގައި މިއަދު ހުވަދު އަތޮޅުގެ ގިނަ ބަޔަކު ދަންނަ ކުޅަދާނަ ކެޔޮޅެކެވެ. އަމިއްލަ ދޯންޏެއްގައި މަސްވެރިކަން ކުރަމުން އަންނަ ޒައިން މިހާރު ހުރި ހިސާބަށް ވާސިލްވުމަށް އޭނާ ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. އެތައްް ދަލެއް އެތައް ވަގުތެއް މަސްވެރިކަމަށް ހުސްކޮށްފައެވެ. ޒައިންގެ ނަޒަރުގައި މަސްވެރިކަމަކީ ކުރިމަގު އޮތް، ހާއްސަކޮށް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އޮތް ސިނާއަތެކެވެ.

ޒައިންގެ ދޯނި ގެލެރީ މިޝަން: ކަނޑުމަތީގައި މިދޯންޏަށް މަސްވެރިންކިޔާ އުޅޭ ނަމަކީ ޒައިން ގެލަރީ

ޒައިން ބުނި ގޮތުގައި އޭނާ މަހަށް ދާން ފެށީ އުމުރުން އެންމެ 12 އަހަރުގައެވެ. ޒައިންގެ ބައްޕައަކީވެސް ކެޔޮޅެއްކަމުން މަސްވެރިކަމުގައި ކުރިއަށްދާން ޒައިންއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީވެސް އޭނާގެ ބައްޕައެވެ. ޒައިންއަށް މަސްވެރިކަމުގެ އުކުޅުތައް އެނގިގެން ދިޔައީވެސް ބައްޕަގެ ފަރާތުންނެވެ. ޒައިން ބުނި ގޮތުގައި އޭނާ އޯލެވެލް ނިންމީ ގދ. ތިނަދޫއިންނެވެ. ސްކޫލުގައި އުޅުނުއިރުވެސް ހަފްތާ ބަންދުތަކުގައި މަހަށްދާ ކަމަށް ޒައިން ބުންޏެވެ. އަދި އޯލެވެލް އިމްތިހާނަށް ފައިސާ ދެއްކީވެސް މަސްވެރިކަންކޮށްގެން ލިބުނު ފައިސާއިން ކަމަށް ޒައިން ބުންޏެވެ.

ޒައިން ދުރުމި އަޅަނީ

ސްކޫލުގައި އުޅުނުއިރުވެސް މަސްވެރިކަމުގެ މަންފާ އަމިއްލައަށް ތަޖުރިބާކުރެވިފައިވުމާއެކު އޯލެވެލް ނިންމިގޮތައްވެސް ޒައިން އިހްތިޔާރުކުރީ މަހަށް ދިއުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޒައިން މަހަށް ދިޔައީ، އަލިވިދުވަރު ކިޔާ ފުވައްމުލަކު ދޯންޏަކުންނެވެ. އޭގައި ޒައިން އުޅުނީ ފަޅުވެރިއަކަށެވެ. ފަޅުވެރިއަކަށް އުޅުނުއިރު ޒައިންއަށް މަސްވެރިކަން އިތުރަށް ދަސްވެގެން ދިޔައީ ޒައިންގެ ބައްޕައާ އެއްބަނޑު މީހެއް ކަމަށްވާ ހަސަން ޒަރީރު (ބާހިރާ ކެޔޮޅު)ގެ ފަރާތުންނެވެ.

މަސްވެރިކަމުގައި ދެތިން އަހަރު އުޅުމަށްފަހު ޒައިިންވަނީ ނިޔަމި ކޯސް ފުރިހަމަކޮށްފައެވެ. އެއަށް ފަހު 2008 ވަނަ އަހަރު ޒައިން މާލެ ބަދަލުވީ، އޭނާގެ ދެ ކޮށްކޮއަށް ކިޔަވާދިނުމަށެވެ. މާލެ ބަދަލުވުމަށްފަހު ޒައިން އުޅުނީ އެސްޓީއޯގެ ބޯޓެއްގެ ކައްޕިއަށެވެ. ހަތަރު އަހަރު އެ ވަޒީފާގައި އުޅުމަށްފަހު ކޮށްކޮމެންގެ ކިޔެވުން ނިމުމުން ޒައިން އެނބުރި ރަށަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރުން ފެށިގެން ޒައިން އަދާކުރީ ކެޔޮޅެއްގެ މަސްއޫލިއްޔަތެވެ. ކެޔޮޅެއްގެ ގޮތުގައި ޒައިން މަސައްކަތް ކުރީ ފިޔޮރީ މީހެއްގެ ދޯންޏެއް ކަމަށްވާ މިޔަވާލި ދޯނީގައެވެ. ކެޔޮޅުކަމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން އެ ދޯނީގައި ޒައިން ހަތަރުވަރަކަށް އަހަރު މަސައްކަތް ކުރިއެވެ. އެއަށްފަހު ޒައިން ވިސްނީ އަމިއްލަ ދޯންޏެއްގައި ކެޔޮޅުކަން ކުރުމަށެވެ. އެގޮތުން އިސްލާމިކް ބޭންކުން ލޯނެއް ނަގައިގެން ޒައިން ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ މަސް ދޯންޏެއް ގަނެފައެވެ. ގެލަރީ މިޝަން ނަމަކަށް ކިޔާ 80 ފޫޓުގެ އެ މަސް ދޯނިން ޒައިންގެ މާލިމީކަމުގައި 28 މީހަކު މަހަށް ދެއެވެ.

ޒައިން ގެލެރީ ދޯނީގެ ފަޅުވެރިންގެ ޓީމް - ޒައިން ފޮޓޯގެ ވައަތްފަރާތުގައި އޮރެންޖެ ކުލައިގެ ޓީޝާޓެއް ލައިގެން

ޒައިން ބުނި ގޮތުގައި، މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށެވެ. އަދި ހާއްސަކޮށް ޒުވާން މަސްވެރިންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުންނާއި އެހެން ބޭންކުތަކުންވެސް ފަހި ފުރުސަތުތަކެއް އެބަހުރި ކަމަށް ޒައިން ބުންޏެވެ.

"މަސްވެރިކަމަކީ އާމްދަނީ ހޯދުމަށް ބަރާބަރު މަސައްކަތެއް. ޒުވާން މަސްވެރިންނަށް އަޅުގަނޑުބުނެލަން ބޭނުންވަނީ ކޮންމެ މަސްވެރިއެއްވެސް އަމިއްލަ ދޯންޏެއް ހޯދުމަށް މަސައްކަތް ކުރާށޭ. މިހާރު ބޭންކްތަކުން ހާއްސަކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުން އެބަހުރި ފަހި ފުރުސަތުތަކެއް" ޒައިން ބުންޏެވެ.

ޒައިންގެ މިހާރުގެ އަމާޒަކީ، ލޯނަށް ފައިސާ ދައްކާ ނިމެންވާއިރަށް 107 ފޫޓުގެ އެންމެ ޒަމާނީ ފެންވަރުގެ މަސް ދޯންޏެއް ބަނުމެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!