"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް އިފްތިތާހުކޮށްފި

"ދަނޑުވެރި ނަފާ" ލޯނު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
"ދަނޑުވެރި ނަފާ" ލޯނު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ދަނޑުވެރި ނަފާ" ލޯނު ސްކީމް، އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ސްކީމާއި "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރު އިފްތިތާހުކޮށްދެއްވީ ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' (މެޕް) ގެ ދަށުން ދަނޑުވެރިންނަށް އެހީވުމަށް ހުޅުވާލި ފުރުސަތެކެވެ. މި ގްރާންޓް ސްކީމްގެ ދެވަނަ ބުރަށް 15 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި، އެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފަހަރުގެ ބުރުގައިވެސް އިސްކަންދީފައިވަނީ 'ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން' ނުވަތަ ތިމާވެއްޓާ ރައްޓެހި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުމަށެވެ. މީގެ ތެރޭގައި ގްރީންހައުސްތަކާއި ހައިޑްރޮޕޯނިކްސް ސިސްޓަމްތައް ހިމެނެއެވެ.

މީގެ އިތުރުން، "ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ ދަށުން ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އަދި އެގްރޯ ޕްރޮސެސިން ފަދަ މަސައްކަތްތަކަށް ފައިސާ ދޫކުރާނެއެވެ. އަދި ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި ވެޓެރިނަރީ ސާވިސް ފަދަ ހިދުމަތްތަކަށްވެސް މި ފެސިލިޓީގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި ރާއްޖޭގެ އިގްތިޞާދު ފުޅާކޮށް، ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ