ހދ. ވައިކަރަދޫން ގިނަ އަދަދެއްގެ ގަސްތަކާއި ރަށުގެ މުއްސަނދި ކަޅުފަސް ބޭރުކުރަމުންދާ މައްސަލައެއް އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ރަށުގެ އަމިއްލަ ފަރާތެއް ކަމަށްވާ އަލީ ރިފްހާނެވެ.
މިދިޔަ ހޯމަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލަ ބަލައިގަނެ، މައްސަލަ ރައްދުވާ ވައިކަރަދޫ ކައުންސިލަށް އެކަން މިހާރު ވަނީ އަންގާފައެވެ. ދައުވާގައި ބުނެފައިވަނީ ރަށުގެ ތިމާވެށި ހިމާޔަތްކުރުމަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނީ ޒިންމާއަކަށް ވީނަމަވެސް، އެއްވެސް އުސޫލެއް ނެތި ގަސްތަކާއި ފަސް ބޭރުކުރުމަށް ކައުންސިލުން އެއްބާރުލުން ދެމުންދާ ކަމަށެވެ. މިއީ ރަށުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ލިބިދީފައިވާ ދުވަސްވީ ގަސްތަކުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ވައިކަރަދޫ ކައުންސިލުން އެ ޒިންމާ އަދާކޮށްފައި ނުވާކަމަށާއި، މީގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސާފު ތިމާވެއްޓެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމަށްވެސް ރިފްހާންގެ ދައުވާގައި ބަޔާންކޮށްފައިވެއެވެ.
ގަސްތަކަކީ ރަށުގެ ފިނިހޫނުމިން ހިފެހެއްޓުމަށާއި، ވައި ސާފުކުރުމަށް މުހިންމު ގުދުރަތީ ވަސީލަތެއްކަން ފާހަގަކޮށް، ރަށުގެ ކަޅުފަސް ބޭރުކުރުމަކީ ކުރިމަގުގައި ކާބޯތަކެތީގެ ވިލުންތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. މި މައްސަލައިގައި އެދިފައިވަނީ ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް ވަގުތުން ހުއްޓުވައި، ކައުންސިލްގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގާނޫނީ ފަރުވާއެއް ހޯދައިދިނުމަށްވެސް ވަނީ އެދިފައެވެ.