ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، ސިންގަޕޫރުގެ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، ސިންގަޕޫރުގެ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަށާއި ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޝަންމުގަރަނަމް އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. ސިންގަޕޫރަކީ ސަރަހައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ނަމޫނާއެއްގެ ގޮތުގައި ދެމިއޮންނާނެ ގައުމެއްކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގާތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓް، ތައުލީމު އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ބަދަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކޮށް، އަމަންއަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ސަރަހައްދީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސް ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ ސިންގަޕޫރުގެ ވެރިންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުން، އެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ