ހުވަދޫ ކަނޑަށް ޣަރަގުވި "ފްރެންޑްސް-4" ދޯންޏާއި، އެ އުޅަނދު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެކުވެރި ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބޭނުންވާ އިތުރު ވަސީލަތްތަކާއި ފަންނީ އެހީތެރިކަން ހޯދުމަށް ދޭދޭ ދައުލަތްތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަސައްކަތުގައި ދިފާއީ ވުޒާރާއާއި، ގައުމީ ދިފާއީ ބާރާއި، ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ އިތުރުން ފުލުހުންގެ ޚިދުމަތާ ގުޅިގެން ޚާރިޖީ ވުޒާރާއިން ދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށީ ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އާއި، ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސާޖަންޓް ޢަލީ ނާފިޢު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) އެވެ. މި ތިން މީހުން ގެއްލުނީ ދޯނި ދިޔަވެގެން އަޑިއަށްދާތީ، އެ އުޅަނދު ސަލާމަތްކޮށް ދިޔަކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،370 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް، މިހާތަނަށް އެމީހުންގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
ސަރުކާރުން ބުނީ މި ދަތި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށާއި، އެމީހުންގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ޚާރިޖީ ވުޒާރާއިން ވަނީ ދީފައެވެ.