ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާގެ ވަގުތުތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ހިމެނޭ "ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ކ. ގުރައިދޫގައި މިއަދު ފަށައިފިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްދާ ހަރަކާތެކެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުންތަކާ ގުޅޭގޮތުން އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ހަސަން ޒިޔާއު ވިދާޅުވީ، ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ރަށުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި ފަހު ދެ ދުވަހު ކުރިއަށްދާނީ ކާރިސާގެ ވަގުތުތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ "ކޮމިއުނިޓީ ބޭސްޑް އެމަޖެންސީ ރެސްޕޮންސް ޓީމް" (ސާޓް) ތަމްރީނު ކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކާރިސީ ހިރާސްތައް ކުޑަކުރުމަށް އެކުލަވާލާފައިވާ "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ" ފްރޭމްވޯކްގެ ދަށުން ހިންގާ ހަރަކާތެކެވެ. މިއީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު، ލަގްޒަންބާގް، ޑެންމާކް އަދި ދެކުނު ކޮރެއާގެ މާލީ އެހީގައި ކުރިއަށްގެންދާ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ބައެކެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، ރަށު ފެންވަރުގައި ކާރިސާތައް މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާތަނަށް ރާއްޖޭގެ 72 ރަށެއްގައި ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައި މިފަދަ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.