ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްކިރުވި 24 އުޅަނދަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އިއްޔެ ދޫކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި އުޅަނދުތަކަށެވެ. ޖުމްލަ 1,138,340.00 (އެއް މިލިއަން އެއްލައްކަ ތިރީސް އަށްހާސް ތިންސަތޭކަ ސާޅީސް) ރުފިޔާ ވަނީ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.
މި ފައިސާގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 23 ދޯންޏަކަށް 1,113,015.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި އެއް ދޯންޏަކަށް 25,325.00 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވާތީ ކުރިމަތިވި ދަތިތަކަށް މި ނިޒާމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.