މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ހުޅުމާލޭގައި ފުލުހުން ޚާއްޞަ ރޯޑްޝޯއެއް ބާއްވައިފިއެވެ. ހުޅުމާލެ ޓްރެފިކް ޕޮލިހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓުތައް މަދުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން މި ހަރަކާތުގައި ބައިވެރިވެ، މަގުމަތީގައި އުޅަނދު ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.
މި ރޯޑްޝޯގެ ތެރެއިން އުޅަނދު ދުއްވާ ފަރާތްތަކުން ތިމާއާއި އަނެކުންގެ ސަލާމަތަށް އިސްކަންދިނުމަށާއި، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މަގު ހުރަސްކުރާ މީހުންނަށް އިސްކަންދިނުމަށާއި، ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރިއެވެ. ހަމައެއާއެކު، ހިނގާބިނގާވެ އުޅޭ މީހުންވެސް މަގު ހުރަސްކުރުމުގައި ސަމާލުވުމަށާއި، ދުއްވާ އެއްޗިއްސަށް ބަލައިގެން އުޅުމަށް ވަނީ އިރުޝާދު ދީފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ބަދަހި އަދި އަމާން މުޖުތަމައެއް ބިނާކުރުމެވެ. މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި، އެކަކު އަނެކަކަށް އިހުތިރާމްކޮށްގެން އުޅުމަކީ އެންމެންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމެއްކަން މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.