ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 ގައި ފަށަނީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ "ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026" މި ހިނގާ އޮގަސްޓު މަހުގެ 14 އާއި 15 ވަނަ ދުވަހު ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީއެވެ. އެމަނިކުފާނަކީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މި ވުޒާރާގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ބޭފުޅެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގެ މިއަހަރުގެ މައިގަނޑު ތީމަކީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އެވެ. މި ބައްދަލުވުމުގެ ތެރެއިން ދީނީ ގޮތުން މުހިއްމު އެކި މައުޟޫއުތަކަށް ބަހުސްކުރުމާއި، ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއްތަނަކުން ބައްދަލުވެ، ދީނީ ކަންކަމުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ލިބޭ މުހިއްމު ފުރުޞަތެކެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވާފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ދަޢުވަތުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ޢިލްމުވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މުހިއްމު ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ