މަސްދޯނިފަރުގައި ބޭނުން ކުރަމުންދާ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން "ދޫނި ރާޑަރު"، މިއީ މަސްއައިނު ހޯދުމުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވި އެއްޗެކެވެ.
ރާޑަރަކީ ދަތުރުފަތުރުގެ ނިޒާމުގައި ވަރަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ އެއްޗެކެވެ. މަސްވެރިން އާންމުކޮށް ބޭނުންކުރާ "ޖީ ޕީ އެސް" އަދި "ފިޝް ފައިންޑަރ"ގެ ބަދަލުގައި ހުރިހާ ޚިދުމަތެއް އެއްކޮށްލިބޭ އެއްޗެކެވެ.
"ދޫނި ރާޑަރު" އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ 2016 ވަނައަހަރު ހުވަދޫ އަތޮޅުގެ ދޯންޏެއްގައި އައިންމަތީ ދޫނި ހޯދުމަށް ޚާއްސަ ރާޑަރެއްގެ ނަމުގައި ރާޑަރެއް ހަރުކުރުމާއި އެކުގައެވެ. އޭގެ ކުރިންވެސް މަސްވެރިން ދިޔައީ އެކި ބްރޭންޑްތަކުގެ ރާޑަރު ބޭނުން ކުރަމުންނެވެ. ޚާއްސަކޮށް ދޫނިތައް ދެނެގަތުމުގެ ސިފަ ލިބިފައިވާ ރާޑަރުގެ ވާހަކަ މަސްވެރިންނަށް އެހާ އާންމެއް ނޫނެވެ. ރައްޖޭގައި މިހާރު ގެންގުޅޭ ރާޑަރުތަކުގެ ތެރެއިން ދޫނީ ހޯދުމަށް ބޭނުންކުރެވޭ ޚާއްސަ "ފީޗަރ" ގިނަ ރާޑަރުތަކުގައި ހުރެއެވެ.
"ދޫނި ރާޑަރު"ގެ އައިންމަތީ ދޫނި ހޯދާ "ފީޗަރ" ބޭނުންކުރަން ފެށުމުން، ދޫނި ހޯދަން "ސްކޭން" ކުރަން ފަށައެވެ. އާންމުކޮށް ރާޑަރު ބޭނުން ކުރާއިރު، ދޫނިތަކާއި ރަށްތައް ފެންނަނީ ރަތްކުލައިގެ ތިކިތަކެއްގެ ގޮތުގައެވެ.
އައިންމަތީ ދޫނި ހޯދުމަށް "ސްކޭން" ކުރަން ފެއްޓުމުން ވަރަށް ކަނޑުމަޑު އަދި އުޑުމަތި ރީތިދުވަހެއްނަމަ، ބައެއް ރާޑަރުތަކުން 8 މޭލުގެ ދުރުމިނުގައި ހުންނަ އައިންތައް ފެނެއެވެ. 4-5 މޭލު ދުރުމިނުގައި ހުންނަ އައިންމަތީ ދޫނިތައް އާންމުކޮށް ފެންނާނެއެވެ. ރާޑަރުން "ސްކޭން" ކުރަމުންދާ ވަރަކަށް ދޯނި ވަށާ ހުރިހާ ދިމާލަކުންވެސް ދޫނިތައް ފެންނަން ފަށައެވެ. ރާޑަރުގެ "ސްކްރީން"އިން ދޫނިތައް ދައްކާނީ ރަތް ކުލައިގެ ތިކިތަކެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ، ވަރަށް ކުޑަކޮށް ތިކިތަކެއް ފެންނަން ފަށައެވެ. އަދި ދޫނިތަކުގެ އަދަދު ގިނަ ނުވަތަ މަދު މިންވަރަށް ބިނާކޮށް ރާޑަރުގެ "ސްކްރީން"އިން ފެންނަ ތިކިތައް ދާނީ ބޮޑުވަމުންނެވެ. ދޫނިތަކުގެ ހަރަކާތް އިތުރުވާ ވަރަކަށް ރާޑަރުން ފެންނެ ތިކިތައް ބޮޑުވެއެވެ.
މަސްވެރިކަމުގައި ރާޑަރުގެ ވަރަށް މުހިންމު އެހެން ބޭނުމެއްވެސް މަސްވެރިން ކުރެއެވެ. އެއީ މަސްތައް އުޅޭ ސަރަހައްދަށް ދެވުމުން، ދޯނީގެ ވަށައިގެން ފެންނަ ދޯނިތަކަށް ފާރަލުމެވެ. އާންމުކޮށް 10 ވަރަކަށް މޭލުގެ ދުރުމިނުގައި އުޅޭ ދޯނިތަކުގެ "ޕޮޒިޝަން" ނެގުމަށްފަހު، އެދޯނިތަކުގެ ދުވެލި ޗެކްކުރެއެވެ. 2-3 މޭލު ބާރުމިނުގައި މާގިނަ އިރުވަންދެން ދޯނި އޮންނަނަމަ، އޭގެ މާނައަކީ ދޯނި މަޑުކޮށްގެން އޮތީ މަސްބާނާށެވެ. އެހާ ހިސާބުން އެ ދޯންޏަކާއި ދިމާލަށް ދުއްވާލައެވެ.