ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއާ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއާ ޕޯޓަލް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާނެވެ.
މިއީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން އިސްނަގައިގެން ތަރައްޤީކޮށްފައިވާ ރަސްމީ ޕްލެޓްފޯމެކެވެ. މި މަސައްކަތަށް ފަންޑުކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
ޕޯޓަލްއިން ލިބޭނެ މައިގަނޑު ޚިދުމަތްތައް
މިއަދު އިފްތިތާޙުކުރި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކެރިއާ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން.
- ކެރިއާ ޕާތުވޭ ޑިޒައިނާ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދިނުން.
- މައިލްސްޓޯން ޓްރެކާ: ތަޢުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއް މެދުވެރިކޮށް، ހާސިލުކުރެވިފައިވާ ކާމިޔާބީތައް ދެނެގަތުން.
- ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުޞަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުން.
މި ޕޯޓަލް ތަޢާރަފުކުރުމަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މިއީ ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، "މޯލްޑިވްސް 2.0" ގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް އެންސީއެސްއިން ފާހަގަކުރެއެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.