ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިހާރު ހުރި އެންމެ ބޮޑު އެއް މައްސަލައަކީ، ވަޒީފާގެ ފުރުޞަތުތައް މަދު ދާއިރާތަކުން މީހުން ތަޢުލީމާއި ތަމްރީނު ހާސިލުކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ފަހަރަށް މީހުން ތަޢުލީމު ހާސިލުކުރާ ދާއިރާއިން ވަޒީފާ ނުލިބުމުގެ ސަބަބުން، މަޖުބޫރީ ޙާލަތުގައި އެހެން ދާއިރާތަކުގައި މަސައްކަތް ކުރަން ޖެހެއެވެ. މީގެ ނަތީޖާއަކީ މަސައްކަތްތެރިންގެ ހިތްހަމަނުޖެހުން އިތުރުވުމާއި، ބޮޑު ޑިމާންޑެއް އޮތް ދާއިރާތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ނުލިބުމެވެ. މިއީ ރާއްޖޭގެ ލޭބަރ މާކެޓުގައި ހައްލުކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މައްސަލަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސްއިން ތަޢާރަފުކުރި "މައި ކެރިއަރ ޕޯޓަލް" އަކީ މިފަދަ މައްސަލަތަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވައިދޭނެއެވެ. މީގެ އިތުރުން، މުސްތަޤުބަލުގެ ކެރިއަރ ބައްޓަންކުރުމަށް ބޭނުންވާ އިރުޝާދާއި، ތަމްރީނު ލިބިފައިވާ ކައުންސިލަރުންގެ އެހީތެރިކަންވެސް މި ޕްލެޓްފޯމުން ލިބިގެންދާނެއެވެ.
މި ޕޯޓަލްގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، އެކަށީގެންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓަރ ކުރެވޭނެ އިންތިޒާމުތައްވެސް މި ޕޯޓަލްގައި ވަނީ ހިމަނާފައެވެ.