ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް ވަޔާއި ކަނޑުމަގުން 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ 33 އަހަރުގެ ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި، އެމްއެންޑީއެފްގެ 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދުގެ އިތުރުން އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، ދޮންވެލި، އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ. މި ތިން މީހުން ހޯދުމަށް ކުރާ މަސައްކަތުގައި މިހާތަނަށް އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް ސިފައިން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ވައިގެ ސިފައިންގެ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.
ސަރުކާރުން މިހާރު ވަނީ މިހާދިސާގައި ގެއްލުނުމީހުން ހޯދުމަށް ބޭރުގެ އެހީތެރިކަމަށް އެދިފައެވެ،