ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާން 'ޑޮލްފިން' ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރުން ބަދަލުކޮށްފިއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޝަންހާއީ އާއި ޒީޖިއާންގް ޕްރޮވިންސަށެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ގަޑިއަކު 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާ މި ތޫފާން އެންމެ ފުރަތަމަ އަރާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ޒީޖިއާންގް ޕްރޮވިންސަށެވެ. ތޫފާނާ ގުޅިގެން ކުރިމަތިވި ބޯ ވާރޭގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އެގޮތުން، ހޯމަ ދުވަހު ޝަންހާއީން އެކަނިވެސް 1،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޒީޖިއާންގްގެ ވެންޒޯ ސިޓީން އެކަނިވެސް ނުވަ ލައްކައެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، އެ ސިޓީގައި 1،000 އަށް ވުރެ ގިނަ ވަގުތީ ހިޔާ ވަނީ ގާއިމުކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް 250 މިލިމީޓަރާއި 500 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. މި ހާދިސާގައި ޒީޖިއާންގް އިން ނުވަ އަހަރުގެ ކުއްޖަކު މޫދަށް އޮޔާގޮސްގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ޗައިނާގެ ރަސްމީ އިދާރާތަކުން އަދި އެއްވެސް މީހަކު މަރުވި ކަމަކަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޗައިނާއަށް އެރުމުގެ ކުރިން މި ތޫފާނުގެ އަސަރު ފިލިޕީންސަށާއި ޖަޕާނަށް ވެސް ވަނީ ކޮށްފައެވެ. ފިލިޕީންސްގައި ތޫފާނާ ގުޅިގެން އަށް މީހަކު މަރުވެފައިވާއިރު، ޖަޕާނުގެ އޮކިނާވާ އިން ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މީގެ އިތުރުން، ތޫފާނާ ގުޅޭ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރި ދެ މީހަކު ޗައިނާގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.