މަސް މާރުކޭޓު ތަރައްގީކުރުމަށް ފަހު ކައުންސިލާ ހަވާލުކުރާ ގޮތަށް ބިން ދޫކުރަން ފާސްކޮށްފި

މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގެ ތެރެއިން
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތް ނިމުމުން އަލުން ކައުންސިލާ ހަވާލުކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއާ ބިން ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ގަރާރު ފާސްކޮށްފައިވަނީ ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 މެންބަރަކު ވަނީ މި ނިންމުމަށް ތާއީދުކުރައްވާފައެވެ. ބާކީ ތިއްބެވި ފަސް ކައުންސިލަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ މަސް މާރުކޭޓަކީ ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބެލިޔަސް މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ.

ކައުންސިލުން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، މަސް މާރުކޭޓުގެ އަމަލީ މަސައްކަތް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ތަން އަލުން ކައުންސިލާ ހަވާލުކުރަން ޖެހޭނެއެވެ. މީގެ އިތުރުން، އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުގެ އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ދޫނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ. އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގައި މިހާރު އެތަނުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ގަރާރުގައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މޭޔަރު އިތުރަށް ފާހަގަކުރެއްވީ، މީގެ ކުރިން މި މަސައްކަތް ހަވާލުކުރުމުގައި އޮޅުންބޮޅުންތަކެއް ހުރި ކަމަށެވެ. އެގޮތުން، ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގައި 6.1 މިލިއަން ޑޮލަރަށް ހަވާލުކުރި މަޝްރޫއެއް، ފަހުން 9.5 މިލިއަން ޑޮލަރަށް އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަން ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބޭނުންވާ މައުލޫމާތު ނުލިބޭނަމަ، ބިން ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލަން ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ