މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތަކަށް ޚާއްސަ ޑްރައި ޑޮކިން ފެސިލިޓީއެއް އެމްޓީސީސީން ގާއިމުކުރަނީ

މަހާޖައްރާފު
މަހާޖައްރާފު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "މަހާޖައްރާފު" ފަދަ ބޮޑެތި އުޅަނދުފަހަރު މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ ހުއްދަ ސަރުކާރުން ދީފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށާއި، ރާއްޖެއިން ބޭރު ފައިސާ ބޭރުވާ މިންވަރު މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މި ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ބިން މި މަހުގެ ތެރޭގައި ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ބިން ލިބުމާއެކު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިހާރު ތިލަފުށީގައި ހުރި މަރާމާތުކުރާ ސަރަހައްދަށްވުރެ ފުޅާ އަދި ޒަމާނީ ވަސީލަތްތަކާއެކު މި އައު ފެސިލިޓީ ތަރައްގީކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައުދީ އިތުރަށް ވިދާޅުވީ، މަހާޖައްރާފު ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަކި މުއްދަތުތަކެއްގައި ސާވިސްކުރަން ޖެހޭއިރު، މިހާރު އެކަން ކުރަން ޖެހެނީ ރާއްޖެއިން ބޭރުގެ ޑޮކިން ފެސިލިޓީތަކުން ކަމަށެވެ. މީގެ ސަބަބުން ބޭރު ފައިސާއިން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭތީ، ރާއްޖޭގައި މިފަދަ ފެސިލިޓީއެއް ހުރުމަކީ އިގްތިސާދީ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫއުގެ ދަށުން ހަމައެކަނި ޑްރައި ޑޮކިންގެ އިތުރުން، ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މިފަދަ ޚިދުމަތްތަކާއެކު ކުންފުނީގެ ވިޔަފާރި ފުޅާވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ