މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މާލޭގެ ގްރީން ބިލްޑިންގް ކޮމްޕްލެކްސްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ރޭވުމެއްގެ ދަށުން ކުރި ކަމެއް ނޫން ކަމަށާއި، އެއީ އެ އިމާރާތުގެ އޭސީތަކެއްގެ ވަޔަރުގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ހާދިސާގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ސީލިންގް ތެރޭގައި ހުރި އެއާ ކޮންޑިޝަނަރުތަކެއްގެ ވަޔަރުތަކުގައި ކަން ފުލުހުންގެ ބޮޑީކޭމް ފުޓޭޖްތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ފުލުހުން އެންމެ ފުރަތަމަ އެ ސަރަހައްދަށް ދިޔަ ވަގުތު ރޯވެފައި ހުރީ ސީލިންގް ތެރޭގައި ކަން އެ ފުޓޭޖްތަކުން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ އިމާރާތުގައި ހިންގަމުން ދިޔަ އެންވަޔަރަމަންޓް މިނިސްޓްރީއާއި، ހައުސިންގް މިނިސްޓްރީގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ވެސް އެ އިމާރާތުގައި ހިންގަމުން ދިޔައެވެ. މި ހާދިސާގައި ދައުލަތުގެ ގިނަ އަދަދެއްގެ މުހިންމު ލިޔެކިއުންތަކެއް އަނދައި، މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ އިމާރާތަކަށް އަލިފާނުގެ ސަބަބުން ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.
މި ހާދިސާއާ ގުޅިގެން އޭރު ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ވަކިން ހާއްސަކޮށް، ގެއްލުނު ލިޔެކިއުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފަދަ ބޭފުޅުން ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. ނަމަވެސް މިނިސްޓަރު އިޙްސާން ވިދާޅުވީ، މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރުމަށް ކުރިއަށް އޮތް ތަނުގައި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.