ކ. ދިއްފުށީ ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެ: 14 ފަތުރުވެރިން ސަލާމަތްކުރި

ލޯންޗު އަޑިއަށް ދިޔުން: އެ ހާދިސާ ހިނގީ 14 ފަތުރުވެރިންނާއެކު ދަތުރުކުރަނިކޮށް. ފޮޓޯ: ސޯޝަލް މީޑިއާ
ލޯންޗު އަޑިއަށް ދިޔުން: އެ ހާދިސާ ހިނގީ 14 ފަތުރުވެރިންނާއެކު ދަތުރުކުރަނިކޮށް. ފޮޓޯ: ސޯޝަލް މީޑިއާ

ކ. ދިއްފުށިން ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް މިއަދު ދިޔަވެ، ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓު ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ޖުމުލަ 18 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ 14 ފަތުރުވެރިންނާއި ހަތަރު ދިވެހި ގައިޑުންނެވެ. ފަތުރުވެރިންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ލޯންޗު އަޑިއަށް ދާން މެދުވެރިވީ ފަހަތުން ދިޔަވާން ފެށުމުންނެވެ. ޕަންޕު ބޭނުންކޮށްގެން ފެން ހިންދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުގެ ސަބަބުން ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. ނަމަވެސް، ކައިރީގައި އޮތް ޑައިވިން ދޯންޏެއްގެ އެހީތެރިކަމާއެކު ލޯންޗުގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެންމެން މިހާރު ދިއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއް ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިދިޔަ ހަފުތާގައި ވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ބަޔަކު ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ