'ކައްޗަލަ' ބޭރުކުރެވޭ މިންވަރު ކަނޑައަޅައި ކޯޓާ ދޫކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ: މި ބާވަތުގެ ހުއިފިލަނޑާ ބޭރުކުރެވޭ ވަކި މިންވަރެއް ކަނޑައަޅަން ވަނީ ނިންމައިފައި
ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (ތެލެނޯޓާ އެނެކްސް). ފޮޓޯ: ވިކިޕީޑިއާ

ރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ހިމެނޭ ބާވަތެއް ކަމަށްވާ "ކައްޗަލަ" ރާއްޖެއިން ބޭރުކުރެވޭނެ މިންވަރު ކަނޑައަޅައި، އެ ބާވަތް ޕްރޮސެސްކުރާ ފަރާތްތަކަށް ކޯޓާ ދޫކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައްޗަލައަކީ 2022 ވަނަ އަހަރު ބޭއްވި "ސައިޓީސް" (CITES) ބައްދަލުވުމުގައި، އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކަށް ބަލައި އެ މުއާހަދާގެ ދެވަނަ ޖަދުވަލުގައި ހިމަނާފައިވާ ބާވަތެއް ކަމަށެވެ. އެހެންކަމުން، މި ބާވަތް އެކްސްޕޯޓް ކުރެވޭނީ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ހާއްސަ ހުއްދައަކާ އެކުގައެވެ.

މި ހުއްދަ ދޫކުރުމުގައި ބަލާނީ ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ތައްޔާރުކޮށްފައިވާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" (އެންޑީއެފް) ރިޕޯޓަށެވެ. މި ރިޕޯޓަކީ އެ ބާވަތެއް މާހައުލުން ނަގައިގެން ބޭރުކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ކަމެއްކަން ކަށަވަރު ކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ. އެމްއެމްއާރްއައި އިން މިހާރު ވަނީ ކައްޗަލަ އެކްސްޕޯޓް ކުރެވޭނެ މިންވަރު ކަނޑައަޅާފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ވޭތުވެދިޔަ ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސިން ލައިސަންސް އޮތް ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާލާނެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނަގާފައިނުވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ "ކެޔޮޅު" ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ